އޭ އާދަމުގެ ދަރިޔާއެވެ! ހަމަކަށަވަރުން ތިބާ ތިމަންއިލާހަށް ދުޢާކޮށް، ތިމަންއިލާހުގެ ޙަޟްރަތުން އެދި އުއްމީދުކުރާހާ ހިނދަކު ތިބާގެ ކިބައިން ކޮންމެފަދަ ކަމެއް…

އޭ އާދަމުގެ ދަރިޔާއެވެ! ހަމަކަށަވަރުން ތިބާ ތިމަންއިލާހަށް ދުޢާކޮށް، ތިމަންއިލާހުގެ ޙަޟްރަތުން އެދި އުއްމީދުކުރާހާ ހިނދަކު ތިބާގެ ކިބައިން ކޮންމެފަދަ ކަމެއް (ފާފައެއް) ވިޔަސް، ތިމަން އިލާހު އެ ފާފަ ފުއްސަވައިދެއްވާ ހުށީމެވެ. އަދި އެކަމަށް ތިމަންއިލާހު ފަރުވާލެއް ނުބަހައްޓަވަމެވެ

އަނަސް ބްނު މާލިކު رضي الله عنه ވިދާޅުވިކަމަށް ރިވާވެގެންވެއެވެ: ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރައްވަނިކޮށް އަހަރެން އަޑުއެހީމެވެ: "ﷲ ތަބާރަކަ ވަތަޢާލާ ވަޙީކުރެއްވިއެވެ: އޭ އާދަމުގެ ދަރިޔާއެވެ! ހަމަކަށަވަރުން ތިބާ ތިމަންއިލާހަށް ދުޢާކޮށް، ތިމަންއިލާހުގެ ޙަޟްރަތުން އެދި އުއްމީދުކުރާހާ ހިނދަކު ތިބާގެ ކިބައިން ކޮންމެފަދަ ކަމެއް (ފާފައެއް) ވިޔަސް، ތިމަން އިލާހު އެ ފާފަ ފުއްސަވައިދެއްވާ ހުށީމެވެ. އަދި އެކަމަށް ތިމަންއިލާހު ފަރުވާލެއް ނުބަހައްޓަވަމެވެ. އޭ އާދަމުގެ ދަރިޔާއެވެ! ތިބާގެ ފާފަތައް އުޑުގެ ވިލާތަކާ ހަމައަށް ފޯރި ކަމުގައި ވިޔަސް، ދެން ތިބާ ތިމަން އިލާހުގެ ޙަޟްރަތުން ފާފަ ފުއްސެވުމަށް އެދިއްޖެނަމަ؛ ތިމަންއިލާހު ތިބާގެ ފާފަ ފުއްސަވައިދެއްވާ ހުށީމެވެ. އަދި އެކަމަށް ތިމަން އިލާހު ފަރުވާލެއް ނުބަހައްޓަވަމެވެ. އޭ އާދަމުގެ ދަރިޔާއެވެ! ހަމަކަށަވަރުން ތިބާ ބިން ފުރޭހާ ފާފައާއިގެން ތިމަންއިލާހުގެ ޙަޟްރަތަށް އައިކަމުގައި ވިޔަސް، ދެން ތިމަން އިލާހާ ބައްދަލުކުރާ ހިނދު، ތިމަންއިލާހާ އެއްވެސް އެއްޗެއް ބައިވެރިނުކުރާ (ޝިރުކު ނުކުރާ) ޙާލު ބައްދަލުކޮށްފިނަމަ؛ ހަމަކަށަވަރުން އެ ބިން ފުރޭހާ ފާފަ ފުއްސެވުމާއިގެން ތިމަންއިލާހު ތިބާގެ ގާތަށް ވަޑައިގަންނަވާ ހުށީމެވެ."

[حسن] [رواه الترمذي]

الشرح

ނަބިއްޔާ ﷺ ޚަބަރުދެއްވީ: ﷲ ތަބާރަކަ ވަތަޢާލާ ޤުދުސީ ޙަދީޘެއްގައި ވަޙީކުރެއްވިކަމަށެވެ: އޭ އާދަމުގެ ދަރިޔާއެވެ! ތިބާ ތިމަންއިލާހަށް ދުޢާކޮށް، ތިމަންއިލާހުގެ ރަޙްމަތަށް އެދި އުއްމީދުކުރުމުގައި ހުރިހާ ހިނދަކު، އަދި ތިބާ އުއްމީދު ކަނޑާނުލާހާ ހިނދަކު؛ ތިމަންއިލާހުގެ ތިބާގެ ފާފަ ފަރުދާކޮށްދެއްވާ، އަދި އެކަމަށް ފަރުވާލެއް ނުބަހައްޓަވާ އެ ފާފަ ފުއްސަވާހުށީމެވެ. އެއީ މި އުރެދުމާއި ފާފަ ބޮޑެތި ފާފަތަކުގެ ތެރެއިންވިޔަސްމެއެވެ. އޭ އާދަމުގެ ދަރިޔާއެވެ! އުޑާއި ދެމެދު ފުރޭހާ ވަރަށް، ބިމުގެ އުދަރެސްތަކަށް ފޯރާ، ބިމުގެ ކަންކޮޅުތަކަށް ފެތުރޭހާ ވަރަށް ތިބާގެ ފާފަތައް ގިނަވެ، ދެން ތިބާ ތިމަންއިލާހުގެ ޙަޟްރަތުން ފާފަފުއްސެވުމަށް އެދެފިނަމަ؛ އޭގެ ގިނަކަމާހުރެ އެއްވެސް ފަރުވާލެއް ނުބަހައްޓަވާ، އެ ހުރިހާ ފާފަތައް ތިމަންއިލާހު ތިބާއަށް ފުއްސަވާދެއްވާނަމެވެ. އޭ އާދަމުގެ ދަރިޔާއެވެ! ތިބާ މަރުވުމަށް ފަހު ބިން ފުރޭހާ ފާފަތަކާއި އުރެދުންތަކާގެން ތިމަންއިލާހުގެ ޙަޟްރަތަށް އަޔަސް، އަދި އެއާއެކު ތިބާ މަރުވީ ތިމަންއިލާހާ އެއްވެސް އެއްޗެއް ޝަރީކު ނުކުރާ ޙާލު ތައުޙީދުގެ އަހުލުވެރިއެއްގެ ގޮތުގައިނަމަ؛ ބިންފުރޭހާ ފުއްސެވުމުން ތިމަންއިލާހު މި ފާފަތަކާއި އުރެދުންތަކާ ބައްދަލުކުރައްވާހުށީމެވެ. އެހެނީ ތިމަންއިލާހީ ފާފަފުއްސެވުން ތަނަވަސްވެގެންވާ އިލާހެވެ. އަދި ޝިރުކު ފިޔަވައި ހުރިހާ ފާފަތައް ތިމަންއިލާހު ފުއްސަވާހުށީމެވެ.

فوائد الحديث

ﷲ ތަޢާލާގެ ރަޙްމަތާއި އެކަލާނގެ ފުއްސެވުމާއި ދަރުމައިގެ ތަނަވަސްކަމެވެ.

ތައުޙީދުގެ މާތްކަމެވެ. އަދި ތައުޙީދުގެ އަހުލުވެރިންނަށް ﷲ ފާފަތަކާއި އުރެދުންތައް ފުއްސަވާދެއްވާކަމެވެ.

ޝިރުކުގެ ނުރައްކާތެރިކަމާއި، ޝިރުކުކުރާ މުޝްރިކުންނަށް ﷲ ފާފަ ފުއްސަވާ ނުދެއްވާ.

އިބްނު ރަޖަބު ވިދާޅުވިއެވެ: މި ޙަދީޘްގައި ފާފަފުއްސެވުން ލިބޭނެ ތިން ސަބަބު ހިމެނިގެންވެއެވެ. ފުރަތަމައީ: ރަޙްމަތަށް އެދުމާއެކު ދުޢާކުރުމެވެ. ދެވަނައީ: ފާފަފުއްސެވުމަށް އެދުމާއި ތައުބާވުމެވެ. ތިންވަނައީ: ތައުޙީދުގެ މަތީގައި މަރުވުމެވެ.

މިއީ ނަބިއްޔާ ﷺ އެކަލޭގެފާނުގެ ވެރި ރައްބުގެ ޙަޟްރަތުން ރިވާކުރައްވާ ޙަދީޘެކެވެ. އަދި މިއަށް ޤުދުސީ ނުވަތަ އިލާހީ ޙަދީޘޭ ކިޔެއެވެ. އެއީ އޭގެ ލަފްޒާއި މާނަ ﷲ ގެ ޙަޟްރަތުންވާ ޙަދީޘެވެ. އެކަމަކު އެހެން އެއްޗެއްސަށް ނުލިބި ޤުރްއާނަށް ޚާއްޞަވެގެންވާ ކަންކަންކަމުގައިވާ: ތިލާވަތުކޮށްގެން އަޅުކަންކުރުމާއި، ކިޔެވުމަށްޓަކައި ޠާހިރުވެގަތުމާއި، ގޮންޖެއްސެވުމާއި، މުޢުޖިޒާތަކަށްވުމާއި އެނޫންވެސް އެފަދަ ކަންކަން އޭގައި ނުވެއެވެ.

ފާފަތައްވަނީ ތިން ވައްތަރަކަށެވެ: ފުރަތަމައީ: ﷲ އާ ޝަރީކުކޮށް އެހެން ފަރާތްތައް ބައިވެރިކުރުމެވެ. މިއީ (މަރުވުމަށްފަހު) ﷲ ނުފުއްސަވާ ފާފައެކެވެ. ﷲ ޢައްޒަ ވަޖައްލަ ވަޙީކުރެއްވިއެވެ: ﴿إِنَّهُۥ مَن يُشۡرِكۡ بِٱللَّهِ فَقَدۡ حَرَّمَ ٱللَّهُ عَلَيۡهِ ٱلۡجَنَّةَ وَمَأۡوَىٰهُ ٱلنَّارُ...﴾ މާނައީ: "ހަމަކަށަވަރުން ﷲ އާ ޝަރިކުކޮށްފި މީހާ؛ ފަހެ އޭނާގެ މައްޗަށް ﷲ ސުވަރުގެ ޙަރާމްކުރެއްވިއެވެ. އަދި އޭނާ އުޅޭނެތަނަކީ ނަރަކައެވެ..."

ދެވަނައީ: އަޅާ އޭނާގެ އަމިއްލަ ނަފްސާއި އޭނާގެ ވެރި ރައްބާ ދެމެދުވާ ގޮތަށް އޭނާގެ އަމިއްލަ ނަފްސަށް އަނިޔާވެރިވެގެން ފާފަތަކާއި އުރެެދުންތަކަށް އަރައިގަތުމެވެ. ފަހެ ﷲ ޢައްޒަ ވަޖައްލަ އިރާދަކުރެއްވިއްޔާ އެ ހުރިހާ ފާފަތައް ފުއްސަވާ ޢަފޫދެއްވައެވެ. ތިންވަނައީ: އެއިން އެއްވެސް ކަމެއް ﷲ ތަޢާލާ ދޫ ނުކުރައްވާ ފާފަތަކެވެ. އެއީ އަޅުތަކުން އެއްބަޔަކު އަނެއްބަޔަކަށް އަނިޔާވެރިވުމެވެ. ފަހެ އެކަމުގައި ކޮންމެހެންވެސް ބަދަލު ހިފައި ޤިޞާޞް ހިފުންވެއެވެ.